ފުރަތަމަ ސަފުހާ / މުނިފޫހި ފިލުވުން / ގޭގައި ކާށި ތެޔޮ ތައްޔާރު ކުރާނެ ގޮތް

ގޭގައި ކާށި ތެޔޮ ތައްޔާރު ކުރާނެ ގޮތް

ކާށި ތެލަކީ އޭގެން ވަރަށް ގިނަ ބޭނުންތައް ހިފޭ ފައިދާހުރި ތެލެކެވެ. ރާއްޖޭގައި ކުރީ ޒަމާނުގައި ކާއެއްޗެހި ތެލުލުމަށް މުޅިންވެސް ބޭނުން ކުރަނީ ކާށި ތެލެވެ. ލޯޝަންގެ ބަދަލު ގައިގައި ލަނީވެސް ކާށި ތެލެވެ. ބޯ އޮމާންކޮށް ރީތިކުރަނީ ކާށިތެލުންނެވެ. ނަމަވެސް ޒަމާނަށް އައި ބަދަލާއި ތަފާތު ބާވަތްތަކުގެ ތަކެތި ބާޒާރުން ލިބެން ފެށުމުން ދިވެހިން ކާށި ތެޔޮ ބޭނުންކުރުން ވަރަށް ބޮޑަށް މަދުވެއްޖެއެވެ.

ރާއްޖޭގެ ބާޒާރުތަކުގައި މިހާރުވެސް ކާށިތެޔޮ ލިބެންހުރެއެވެ. އެހެނަސް އާންމުކޮށް ކާށި ތެޔޮ ހުންނަނީ އަލިފާން ބޭނުންކޮށޮގެން ތައްޔާރުކޮށްފައެވެ. އަލިފާނުން ހޫނު ކުރުމުން ކާށި ތެލުގައި ހުންނަ ފައިދާހުރި ބައެއް މާއްދާތައް ހަލާކުވެއެވެ. މިގޮތަށް ހުންނަ ތެލުގައި ކުޑަ ރަތްކަމެއް ހުންނާނެއެވެ. ކާށި ތެލަކީ އަލިފާން  ބޭނުންނުކޮށް ވަރަށް ފަސޭހައިން ތައްޔާރުކުރެވޭނެ ތެލެކެވެ.

ބޭނުންވާނެ ތަކެތި

– ކާށި

 ފެން

– ބޭރުފެންނަ ފުޅިއެއް ( މަތި ބުރިކޮށްލާފައި)

– ސާފު ފޮތިކޮޅެއް

 

ތައްޔާރުކުރާނެ ގޮތް

ފުރަތަމަ ކާށި ގާނާނީއެވެ. ބޭނުންފުޅުނަމަ ހުނި ނުވަތަ ކުދިކޮށް ކޮށާފައި މިކްސަރު ނުވަތަ ގުރައިންޑަރުން މުގުރާލެވިދާނެއެވެ. މިކްސަރު ބޭނުންކުރުމުން ކިރުފެލުމަށް އަތުން ކުރަންޖެހޭ މަސައްކަތް ލުއިވާނެއެވެ. ދެން ކިރު ފެލުމަށްފަހު ފުރާނާލާނީއެވެ. އެއަށްފަހު ފެން ހުސްކުރި ފުޅިއެއް ބުރިކޮށްލުމަށްފަހު އޭގެތެރެއަށް ކިރުތައް އަޅާނީއެވެ. ދެން ސާފު ފޮތިކޮޅަކުން ކާށި ކިރުއެތި ބަންދުކޮށްލާނީއެވެ. ދެން އެކަހެރި ތަނެއްގައި 24 ގަޑިއިރުވަންދެން ބަހައްޓާނީއެވެ.

24 ގަޑިއިރުވުމުން ކިރުތައް ހުންނާނީ 3 ފަށަލައަކަށް ވަކިވެފައެވެ. ފުރަތަމަ ފަށަލައިގައި ހުންނާނީ ކިރުގެ އޮލަބައި ނުވަތަ ކާޑް އެވެ. ދެންހުންނަ ފަށަލައިގައި ހުންނާނީ ތެލެވެ. އެންމެ ފަހު ފަށަލައިގައި ހުންނާނީ ފެންބައެވެ. މިބައި ހުންނާނީ ފެންކިރު ކުލައިގައެވެ.

ކާށި ކިރުން  ތެލުގެ ފަށަލަ ވަކިކުރާނެގޮތް.

ސަމުސަލަކުން ކާޑްތައް ގަރުދިޔައިން ގަރުނަގާގޮތައް ވަރަށް ސަމާލުކަންދީގެން ނަގާފައި އުކާލާށެވެ. މިފަށަލަގައި ހުންނަ އެއްޗެހި ނެގުމުން ތެލުގެ ފަށަލަ ފެންނާނެވެ. ތެލުގެ ފަށަލަ ކުޑަކޮށް ކާޑް އާއި އެއްވެފައި ހުރެދާނެއެވެ. ތެޔޮތައް ނެގުމަށް ސާފު ހިކި ސަމުސަލަކުން ތައްޓަކަށް ނުވަތަ ކޮންޓޭނަރަކަށް ތެޔޮތައް ފުރާނާލާށެވެ. ފުރޭނުމަށް ރަނގަޅީ ސާފު ތުނި ފޮތިކޮޅެއް ބޭނުން ކުރުމެވެ. ފުޅިބުރީގައި ހުރި ތެލުގެ ފަށަލަ މާބޮޑަށް ތުނިވުމުން އިތުރަށް ތެޔޮނަގަން އުޅެފިނަމަ ތެލާއި ފެން އެއްވެދާނެއެވެ. އެހެންކަމުން ތެލުގެ ފަށަލަ ތުނިވުމުން ބާކީބައި (ފެން) އުކާލާށެވެ.

މިގޮތައް ތައްޔާރު ކުރާ ތެލުގެ ފައިދާ ބޮޑުވެފައި ކަރުނުވެ ގިނަ ދުވަހު ހުންނާނެއެވެ.

ކޮމެންޓު ލިޔުއްވާ

ބޭނުން ވާ މައުލޫމާތު *