ފުރަތަމަ ސަފުހާ / އާޓިކަލް / ނަމޫނާ ލިޔުން – ގެސްޓްހައުސް ޕޮލިސީގެ ހަގީގީ ބޭނުން ކެނޑިފައި

ނަމޫނާ ލިޔުން – ގެސްޓްހައުސް ޕޮލިސީގެ ހަގީގީ ބޭނުން ކެނޑިފައި

ރާއްޖޭގައި ފުރަތަމަ ގެސްޓްހައުސް ހުޅުވިގެން ދިޔައީ 2010 ވަނަ އަހަރު އެވެ. އޭގެ ކުރިން ފަތުރުވެރިންނަށް އަމާޒުކޮށް ގެސްޓްހައުސް ވިޔަފާރި ކުރުމަކީ ރާއްޖޭގައި މަނާކޮށްފައި އޮތް ކަމެކެވެ.
ޓޫރިސްޓުންނަށް އަމާޒުކޮށް އެ ވިޔަފާރި ކުރުމަށް ހުއްދަ ދީފައިވަނީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުންނެވެ. ރައީސް ނަޝީދު އެކަން ކުރަން ހުއްދަ ދިނީ ރައްޔިތުން ބާރުވެރިކޮށް، ރަށްތރަށުގެ ތަރައްގީއަށް މަގުފަހި ކޮށްދިނުމަށް ކަމަށް ބުނެ އެވެ. ނަމަވެސް މިހާރު ގެސްޓްހައުސް ވިޔަފާރި އޮތީ ކޮން ގޮތަކަށްތޯ އެވެ؟

ރައީސް ނަޝީދުގެ ސަރުކާރުން ގެސްޓްހައުސް ޕޮލިސީ އެކުލަވާލާފައި އޮތީ މީހުން ދިރިއުޅޭ ރަށްރަށުގައި ގެސްޓުން ބޭތިއްބުމުން ރަށުގައި އެކިއެކި ވިޔަފާރިތައް ފުޅާވެ، ރަށަށް ލިބޭ އެކި ކުރިއެރުމުގެ ސަބަބުން ރަށް ހުރިހާ ގޮތަކުންވެސް ތަރައްގީވެ، ރަށުގެ މީހުން ތަނަވެސްވެ، ބާރުވެރި ކުރުވުމަށެވެ. އަދި އެ ކަންކަމުން އުފެދިގެން ދާނީ ލާމަރުކަޒީ، ރައްޔިތުންގެ މެދުގައި ބެހިގެންދާ އިގްތިސާދެއް ކަމަށްވެސް އެ ޕޮލިސީގައި ބުނެފައި ވެއެވެ.

އެ ޕޮލިސީގެ ދަށުން ގެސްޓްހައުސް ވިޔަފާރި ކުރަން އަސްލު އަމާޒު ހިފާފައި އޮތީ، ރަށުގައި ތިބެގެން އަމިއްލަ ގޭގައި ކޮޓަރި ހަދައިގެން، ގެސްޓުން ގެނެސް ދިވެހި ވަންތަ (ލޯކަލް) ޗުއްޓީއެއް ހޭދަކޮށްލަން އެ މީހުންނަށް ފުރުސަތު ދިނުމެވެ. ނަމަވެސް މިހާރު ގެސްޓްހައުސް މޮޑެލް މިއޮތީ އެއާ ދިމާ އިދިކޮޅަށެވެ.

މިހާރު އެ މޮޑެލް އޮތީ ބަދަލުވެ، ރަށްރަށުގައި ބޮޑެތި ލަގްޒަރީ ހޮޓާތައް އަޅައިގެން އެކަން ކުރުމުގެ އުސޫލަށެވެ. ރަށުގެ މީހުން ތިބިގޮތަށް ތިއްބާ، ބޮޑެތި ކުންފުނިތަކުން ނުވަތަ ތަނަވަސް އާއިލާތަކުން އެ ރަށްރަށަށް އަރައި، ބިންތައް ދިގުމުއްދަތަށް ކުއްޔަށް ނަގައިގެން ބޮޑެތި ހޮޓާތައް އަޅައި، ރަށުގެ މީހުންނަށް ވާދަ ނުކުރެވޭ ވަރު ކުރުމެވެ.

މާފުށި ގެސްޓްހައުސެއް

ގެސްޓްހައުސް އައިލެންޑްގެ ގޮތުގައި މަޝްހޫރުވެފައި އޮތް މާފުށީގައިވެސް އެކަން މިހާރު އޮތީ އެހެންނެވެ. އެ ރަށުގައި ގެސްޓްހައުސް ވިޔަފާރި ކުރާ، އެ ރަށުގެ ރަށްވެހިން ބުނަނީ އެ މީހުން ތިބީ ބޭރުން އައި މީހުންގެ ވިޔަފާރިއާއި ހެދި، އަމިއްލަ ރަށުގައި “ފިތިފައި” ކަމަށެވެ.

މި ރިޕޯޓް ހެދުމުގެ ކުރިން ވާހަކަ ދެއްކި ގިނަ ގެސްޓްހައުސް ވިޔަފާރިވެރިން ގެސްޓްހައުސް ވިޔަފާރި މޮޑެލް ބަދަލުވެފައި ވާކަމަށް އެއްބަސްވެސް ވެއެވެ. އަދި މި ސަރުކާރުން ގެސްޓްހައުސް ވިޔަފާރިއަށް އެއްބާރުލުން ނުދީ، އެ ވިޔަފާރި ހުއްޓުވަށް އުޅޭ ކަމަށްވެސް ގިނަ ފަރާތަތަކުން ފާހަގަ ކުރެ އެވެ.

“އަޅުގަނޑުމެން މިހާރު ހަމަ ރިސޯޓްތަކެކޭ އެއްގޮތަށް، އެއްވެސް ތަފާތެއް ނެތި އެބަޖެހޭ ޓެކްސް ދައްކަން. ހަމައެކަނި ބިމު ކުލި ތަފާތީ އެހެން ހުރިހާ އެއްޗެއް ހަމަ އެއްގޮތް. އަޅުގަނޑުމެން އަގުހެޔޮކޮށް ރޫމް ވިއްކައިގެން ކުރަންފެށި ކަމެއް މީ، މިހާރު މި ޓެކްސްތަކާ ހެދި އަގު އުފުލަން ޖެހޭއިރު، ވިޔަފާރިއަށް ބޮޑެތި ދަތިތަކެއް ކުރިމަތިވޭ،” މާފުށީ ސަމާވިލާ ގެސްޓްހައުސްގެ ވެރިޔާ ވިދާޅުވި އެވެ.

މި ސަރުކާރުން އާންމު ގެސްޓްހައުސް ވިޔަފާރީގެ ބަދަލުގައި، ގެސްޓްހައުސް އައިލެންޑްގެ ނަމުގައި ޕްރޮޖެކްޓެއް ފަށާފައިވައިރު އޭގެ އަމާޒަކީ ކޮންމެ ރަށެއްގައި އެއް ރިސޯޓް ހިންގުމުގެ ބަދަލުގައި، ރަށަކުން ގިނަ ވިޔަފާރިވެރިންނަށް ފުރުސަތު ދިނުން ކަމަށް ރައީސް އަބްދުﷲ ޔާމީން ތުނބުރި ގެސްޓްހައުސް އައިލެންޑް ޕްރޮޖެކްޓް އިފްތިތާހު ކުރަމުން ވިދާޅުވެފައި ވެއެވެ. ނަމަވެސް މިއީ، އާންމު ގެސްޓްހައުސް މޮޑެލްއާ ތަފާތު އާ މޮޑެލް އަކަށް ވާއިރު، އާންމު ގެސްޓްހައުސް ވިޔަފާރި ހިމާޔަތް ކުރުމަށް މި ސަރުކާރުން އެދެވޭ އެއްވެސް މަސައްކަތެއް ނުކުރާކަން ފާހަގަ ނުވޭތޯ އެވެ.

ކޮމެންޓު ލިޔުއްވާ

ބޭނުން ވާ މައުލޫމާތު *