ފުރަތަމަ ސަފުހާ / ބޭރު ދުނިޔެ / ލަންޑަނުގެ އަލިފާނުގެ ހާދިސާ – ގަސްދުގައި ދިން ހަމަލާއެއްބާ؟

ލަންޑަނުގެ އަލިފާނުގެ ހާދިސާ – ގަސްދުގައި ދިން ހަމަލާއެއްބާ؟

އަލިފާން ހިފައި ރޯވަމުންދިޔައިރު އިވެމުންދިޔައީ ކުޑަކުދިންނާއި ބޮޑެތިމީހުންގެ ހަޅޭލެވުމާއި ރުއިމުގެ އަޑެވެ. ސަލާމަތަށް އެދި ގޮވާ އަޑެވެ. މައިންބަފައިން އެމީހުންގެ ދަރީން ސަލާމަތް ކުރުމަށް ކުޑަ ދޮރުން ބޭރަށް އެއްލާލުމުން ދިޔަ މަންޒަރު ވީޑިއޯތަކުން ފެނިގެންދިޔައެވެ. ލަންޑަނުގެ ގްރެންފިލް ޓަވަރުގައި ހިގި އަލފާނުގެ ހާދިސާއަކީ މިހާތަނަށް ހިގި އެންމެ ބިރުވެރި ނުރައްކާތެރި އެއްހާދިސާއެވެ. 24 ބުރީގެ މިއިމާރާތުގެ ވަށައިގެން ހުޅުހިފީ ކުޑަ ހިނދުކޮޅެއްގެތެރޭގައެވެ. ނަމަވެސް މިހާދިޘާގެ ފަހަތުގައި ބައެއްގެ އަތެއްވާކަމަށް ގިނަބަޔަކު ތުހުމަތު ކުރަމުންދެއެވެ.  

މީހުން ސަލާމަތްކުރުމަށް ހަރަކާތްތެރިވި މީހަކު ބުނީ ކުޑަދޮރުތަކުގައި މީހުން ތަޅަމުންދާތަން ފެނުމުން މީހުން ސަލާމަތްކުރުމަށް ފުންމާލުމަށް ގޮވަމުން ދިޔައިންކަމަށެވެ. ނަމަވެސް ފުލުހުން ދިޔައީ މީހިން ސަލާމަތްކުރުމުގައި ހަރަކާތްތެރިވިމީހުން އިމާރާތްކާރިން ދުރުކުރަމުން ކަމަށް އެމީހާ ބުންޏެވެ. އިމާރާތުގައި ދިރިއުޅޭ މީހުން ނަމާދުން ފައިބައިގެން ގެއަށްއައިރު ދަރިންނާއި އަބިން ގޭތެރޭގައި ހަޅޭލަވަމުންދިޔަ އިރުވެސް އެހީވެދޭނެ ގޮތެއް ނޭގިފައި ތިބިކަމަށް މިމީހާ ބުންޏެވެ. އޭނާ ބުނީ އިމާރާތުގައި ތިބި މީހުންނަށް ފުލުހުން އިރުޝާދު ދެމުން ދިޔައީ އިމާރާތުން ނުނިކުމެ މަޑުކުރުމަށެވެ. ނަމަވެސް އިންޓަވިއު ދިން އަންހެން މީހަކު ބުނީ އަލިފާން ރޯވަން ފަށާފައިހުރީ އިމާރާތުގެ ބޭރުން ކަމަށާއި މީހުންނަށް އިމާރާތުން ބޭރަށް ނުކުތުމަށް ވަގުތު އޮތްކަމަށެވެ. އަދި އޭނާގެ ވާހަކަ ތެދުކަމަށް ޤަބޫލުނުކުރާނަމަ ފޯނުގައި ވީޑިއޯ ފޫޓޭގް ހުރިކަމަށެވެ. އިތުރު ފަރާތަކުން ބުނަނީ ފުލުހުންގެ ބަހަށް އިމާރާތުގައި މަޑުކޮށްގެން ތިބިނަމަ އެމީހުން މިހާރު ދިރިނުތިބޭނެކަމަށެވެ.

ގްރެންފީލްޑުގައި ދިރިއުޅޭ ޒުވާނެއްކަމަށްވާ ޕީކީ ސެކޫ ބުނީ މިދިޔަ އަހަރު ކައުންސިލިން އެއިމާރަތުގެ އާބާތުރަ ފިލުވުމަށް ދިހަ މިލިއަން ޕައުންޑް ޚަރަދުކުރިކަމަށެވެ. ނަމަވެސް ފެންނަ ފެނުމަށް ކޮށްފައި ހުރި ކަމަކީ އިމާރާތުގެ ފާރުތަށް އިންސިއުލޭޓް ކުރުމާއި އިމާރާތުގެ ބޭރު ރީތިކުރުމެވެ. ގިނަބަޔަކު ބުނަނީ އެހާ ބާރު މިނެއްގައި އަލިފާން ހިފުމަށް ދިމާވީ އިންސިއުލޭޓް ކުރުމަށް ބޭނުންކޮށްފައި ހުރި  ޕެނަލްތަކުގެ މެޓީރިއަލްގެ ގޮތުންނެވެ. ސެކޫ ބުނަނީ 10 މިލިއަން ޔޫރޯއަށް ވާވަރަށް އިމާރާތުގައި މަސައްކަތް ކޮށްފައި ނެތްކަމަށެވެ. އަދި ސަރުކާރުން އިމާރާތުގެ ކަންތަކާމެދު ކުރިންވެސް ފަރުވާކުޑަކޮށްފައިވާކަމަށެވެ.

 މިހާދިސާގައި މަދުވެގެން 79 މީހުން ވަނީ ނިޔާވެފައި ވާކަމަށް މީޑިޔާތަކުން ޚަބަރުދެއެވެ. ނަމަވެސް މިއަދަދު ޔަގީންނުވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. ގިނަބަޔަކު ބުނަމުންދަނީ މަރުވިމީހުންގެ އަދަދު މީޑިއާ ތަކުން ފޮރުވަން މަސައްކަތްކުރުމުންދާކަމެށެވެ.

 

ކޮމެންޓު ލިޔުއްވާ

ބޭނުން ވާ މައުލޫމާތު *