ފުރަތަމަ ސަފުހާ / އާޓިކަލް / ނަމޫނާ ލިޔުން – ތައުބާގެ މާނަ

ނަމޫނާ ލިޔުން – ތައުބާގެ މާނަ

ޢަރަބި ބަހުގައި ތައުބާގެ ލަފްޒީ މާނައަކީ އެނބުރި އައުމެވެ. އެހެން ގޮތަކަށް ބުނާނަމަ، ނުކިޔަމަންތެރި ކަމާއި ފާފައިގެ ތެރޭގައި ހުރެފައި، ﷲ ކިޔަމަންތެރި ވެ، ﷲގެ މަގަށް ރުޖޫޢަވުމެވެ. ތައުބާ މި ލަފްޒަކީ އަޅުތަކަންނަށް އަދި މާތް ﷲ އަށް ވެސް ނިސްބަތް ކުރެވޭ ލަފްޒެކެވެ. އިންސާނުންނަށް ތައުބާ މި ބަސް ނިސްބަތް ކޮށްފިއްޔާ – މިސާލަކަށް ޢަލީ ﷲ އަށް ތައުބާ ވެއްޖެ- އޭގެ މާނައަކީ، އޭނާ ފާފަ ދޫކޮށްފައި ﷲ ގެ ރުއްސެވުމަށް ރުޖޫޢަވުމެވެ. މި ލަފްޒު ﷲ އަށް ނިސްބަތް ކުރެވިއްޖެއްޔާ- މިސާލަކަށް ﷲ ޢަލީގެ މައްޗަށް ތައުބާ ކުރައްވައިފި- އޭގެ މާނައަކީ އެ ކަލާނގެ ރަޙްމަތްފުޅާއި ރުއްސެވުން އެ އަޅާ އަށް އަލުން ދެއްވުމެވެ.ނުވަތަ ތައުބާ ވުމަށް ތައުފީޤު ދެއްވުމެވެ. ނުވަތަ އޭނާއަށް އޮތް ފާފަ ޘަވާބަށް ބަދަލު ކުރެއްވުމެވެ.
”އައްތައްވާބު” އަކީ މާތް ﷲގެ އިސްމުފުޅުތަކުގެ ތެރެއިން އިސްމުފުޅެއްވެސް މެއެވެ. މީގެ މާނައަކީ ގިނަގިނައިން އަޅުތަކުންނަށް ތައުބާ ކުރައްވާ ތައުބާ ޤަބޫލު ކުރައްވާ ރަސްކަލާނގެއެވެ. ނުވަތަ ކުރެވޭ ކުށަކަށް އަޅަކު ހިތާމަކޮށް ތައުބާ ވާ ކޮންމެ ފަހަރަކު އެ އަޅަކަށް އެކަލާނގެ ރަޙްމަތާއި ރުއްސެވުން އަލުން ދެއްވާ ރަސްކަލާނގެއެވެ. މި އިސްމުފުޅުގެ މާނައަކީ ގިނަ އަޅުތަކުން ތަކެއް އެކަލާނގެއަށް ތައުބާ ވާ ރަސްކަލާނގެ، ކަމަށް ވެސް ބުނެވިފައި ވެއެވެ.

އިންސާނަކު އެއީ ”ތައްވާބު” އެއް ކަމަށް ބުނެވިއްޖެ ނަމަ، އޭގެ މާނައަކީ ގިނަގިނައިން ތައުބާ ވާ މީހާއެވެ. ބަޤަރާ ސޫރަތުގެ 222 ވަނަ އާޔަތުގައި ވާނީ މިފަދަ މީހުންގެ ވާހަކައެވެ. إِنَّ اللَّهَ يُحِبُّ التَّوَّابِينَ وَيُحِبُّ الْمُتَطَهِّرِينَ

މާނައަކީ: ”ހަމަކަށަވަރުން ﷲ، އެ ކަލާނގެ ކިބަފުޅަށް ގިނަގިނައިން ތައުބާވާ މީހުން ދެކެ ލޯބިވެ ވޮޑިގަންނަނަވަތެވެ. އަދި ޠާހިރުވެ ސާފު ޠާހިރުކަންމަތީ އުޅޭ މީހުން ދެކެވެސް އެކަލާނގެ ލޯބިވެ ވޮޑިގަންނަވާމެއެވެ.”

ތައުބާ ގެ ޝަރުޢީ މާނަ:
ތައުބާ ގެ ޝަރުޢީ މާނަ، ވަރަށް ގިނަ ޢިބާރާތްތަކަކުން ޢިލްމުވެރިން ކުރައްވާފައި ވެއެވެ. އޭގެ ތެރޭގައި:-

1- އިބްނު ޖަރީރް އައްޠަބަރީ ވިދާޅުވަނީ: ”އަޅަކު ﷲ އަށް ތައުބާވުމުގެ މާނައަކީ، އަޅާ އަލުން ﷲ އަށް ކިޔަމަންތެރި ވުމެވެ. އަދި އެކަލާނގެ ރުއްސަވާ ކަންތަށް ކޮށް، ނުރުއްސަވާ ކަންތަކުން ދުރުވެގަތުމެވެ.”

2- ޤުރުޠުބީ ވިދާޅުވަނީ: ”އެއީ ފާފައާ މެދު ހިތާމަކޮށް، ވަގުތުން ފާފަ ދޫކޮށް، އެފަދަ ފާފައެއް ދުވަހަކުވެސް ނުކުރަން ޢަޒުމް ކަނޑައެޅުމެވެ. އަދި މިހުރިހާ ކަމެއްވެސް ﷲ ދެކެ ގަންނަ ލަދެއްގެ ސަބަބުން ކުރުމެވެ.”

ޤުރުޠުބީގެ މި ތަޢާރަފް ގައި ތައުބާގެ ގާތްގަނޑަކަށް ހުރިހާ ޝަރުޠެއް ހިމެނިފައިވެއެވެ. އަދި ވަރަށް މުހިއްމު ނުކުތާއެއް ވެސް ފަހަތުގައި އެބަ އޮތެވެ. އެއީ ތައުބާ ވާން ޖެހެނީ ތިމާގެ އަމިއްލަ މަސްލަހަތަކަށް ނުވަތަ ވަޒީފާއަކަށްޓަކައި ނޫން ކަމެވެ. ކިއެއްތަ، ތައުބާ ވަނީ، އޭނާ ﷲ އަށް ނުކިޔަމަތެރި ވެ ހުންނަން ގަންނަ ލަދެއްގެ ސަބަބުންނެވެ.

3- އަލްއަޞްފަހާނީ ވިދާޅުވަނީ: ”ތައުބާ އަކީ ފާފައިގެ ހުތުރު ކަމަށްޓަކައި އެ ފާފަ ދޫކޮށް، ކުރެވުނު ކަންތަކަށް ދެރަވެ ހިތާމަކޮށް، އަލުން އެކަން ނުކުރަން ޢަޒުމް ކަނޑައެޅުމެވެ.”

އަޞްފަހާނީގެ މި ތަޢާރަފަށް އިބްނު ހަޖަރު އަލްޢަސްޤަލާނީ އިތުރު ކުރައްވާ އެހެން ކަމެއް އޮވެއެވެ. އެއީ ”މީސް މީހުންގެ ޙައްޤު އޭގެ ވެރިންނަށް ރައްދުކޮށް، ނުވަތަ އެ މީހުން ލައްވާ ޙައްޤު ކެނޑުވުމެވެ.”

4- އިބްނު ކަޘީރު ވިދާޅު ވެފައި ވަނީ: ”ތައުބަތުއް ނަޞޫހް އަކީ، ފާފަ ކުރުން ވަގުތުން ހުއްޓާލާ، މާޒީވެ ދިޔަ ތަނަށް ހިތާމަކޮށް، މުސްތަޤްބަލުގައި އެކަން ނުކުރަން ޢަޒުމް ކަނޑައެޅުމެވެ. އަދި އާދަމުގެ ދަރިންގެ ޙައްޤުތައް އަދާ ކުރުމެވެ.”

ވީމާ، މަތީގައި ގެނވިފައިވާ ތައުބާގެ ތަޢާރަފު ތަކަށް ބަލާފައި ތައުބާވުމަކީ މިއީ ކަމުގައި ބުނެވިދާނެއެވެ. އެއީ:-

“އަހަރެމެންނަށް އެނގިގެން އަދި ނޭނގި ނަމަވެސް ކުރެވޭ، ކުޑަ އަދި ބޮޑު، މީސްތަކުންގެ ޙައްޤު ގައި އަދި ﷲ ގެ ޙައްޤުގައި ކުރެވޭ، ޤަސްތުގައި އަދި އޮޅިގެން ކުރެވޭ، ކުށް ފާފަތައް ހުއްޓާލުމަށް ފަހު، ކުރެވު ފާފައާއި މެދު ހިތާމަކޮށް، ދެވަނަ ފަހަރަށް އެކަމެއް ނުކުރަން ޢަޒުމް ކަނޑައެޅުމެވެ. އަދި މި އާއެކު އާދަމުގެ ދަރިއެއްގެ ޙައްޤެއް ވާނަމަ އެ ހައްޤު އަދާ ކުރުމެވެ.”

އިސްތިޣްފާރު ކުރުން:
އިސްތިޣްފާރު މިލަފްޒަކީ ”ޣަފަރަ” މި ބަހުން ނެގިފައިވާ ބަހެކެވެ. މާނައަކީ ފަރުދާކޮށް ފޮރުވުމެވެ. އިސްތިޢްފާރު މި ލަފްޒު މި ވަޒަނަށް އައުމުން މާނައަކަށް ވާނީ ފަރުދާކޮށް ފޮރުވުމަށް އެހެން މީހެއް ގެ ގާތު އެދުމެވެ. ވީމާ އިސްތިޣްފާރުގެ މާނައަކީ ފާފަ ފަރުދާކޮށް މާފުކޮށް ދެއްވުން ﷲ ޙަޟްރަތުން އެދުމެވެ.

އިސްތިޣްފާރުގެ ޝަރްޢީ މާނައަކީ: ”ތިމާއަށް ކުރެވުނު ކުށް ފާފަ ފަރުދާ ކުރައްވައި، އެ ކުށް ފާފަތައް މަޢާފް ކުރައްވައި، އެ ފާފަތަކަށް ޢަޛާބު ނުދެއްވުން އެދި ، މާތް ﷲ އަށް ދެންނެވުމެވެ.”

ތައުބާ އާއި އިސްތިޣްފާރަކީ ދާދި އެއް މާނައެކެވެ. ނަމަވެސް މި ދެ ބަހުގައި ތަފާތު އެބަ ވެއެވެ. އިސްތިޣްފާރަށް ވުރެ ތައުބާ އަކީ ފުޅާ އެއްޗެކެވެ. ފަަހަރެއްގާ މީހަކު އިސްތިޣްފާރު ކޮށްފައި ނަމަވެސް ތައުބާ ނުވެ ހުރެދާނެއެވެ. އެހެނީ ތިމަންނަގެ ފާފަ ފުއްސެވުން އެދި ދުޢާ ދެންނެވުން ވާނީ އިސްތިޣްފާރު ކުރުމަށެވެ. ނަމަވެސް އޭނާ ފާފައާ މެދު ހިތާމަކޮށް، ފާފަ ކުރުން ހުއްޓާލާ އަދި މުސްތަޤްބަލުގައި އެކަން ނުކުރަން ޢަޒުމް ކަނޑަނާޅާހާ ހިނދަކު އޭނާ ތައުބާ ވި ކަމަކަށް ނުވާނެއެވެ.

އިނާބާ:
އިނާބާ މި ލަފްޒަކީ ”ނައުބު” މި މަޞްދަރުން ނެގިފައިވާ ބަހެކެވެ. މީގެ މާނައަކީ ވެސް ރުޖޫޢަ ވުމެވެ. ވީމާ ”އަނާބަ އިލަ ﷲ” އޭ ބުނުމުގެ މާނައަކީ ﷲ އަށް ރުޖޫޢަ ވުމެވެ. އައްރޫމް ސޫރަތުގެ 13 އަދި އައްޒުމަރު ސޫރަތުގެ 54 ވަނަ އާޔަތުގައިވާ ”މުނީބީނަ” އަދި ”އަނީބޫ” ގެ މާނައަކީ މިއީއެވެ.

އިނާބާގެ ޝަރުޢީ މާނައަކީ: އަނދިރި ކަމުން އަލިކަމުގެ ތެރެއަށް ރުޖޫޢަ ވުމެވެ. ނުވަތަ ޣާފިލު ކަމުން ޛިކުރު ކުރުމަށް އެނބުރި އައުމެވެ. ނުވަތަ ޝައިޠާނާގެ މަގުން އިސްލާމް ދީނުގެ މަގަށް އެނބރި އައުމެވެ.

އިބްނުލް ޤައްޔިމް ވިދާޅުވެފައި ވަނީ، އިނާބާ ގެ މާނައަކީ ” ﷲގެ ރުއްސެވުން ހޯދުމަށް އަވަސްވެގަނެ، ހުރިހާ ވަގުތަކުވެސް އެކަލާނގެއަށް ރުޖޫޢަވެ، އިޚްލާޞްތެރި ކަމާއެކު އަޅުކަން ކުރުމެވެ.”

އިސްތިޣްފާރާއި ތައުބާ އާ ހުރި ގުޅުން:
އިސްތިޣްފާރު ތައުބާއާއި ވަކިން އަދި ތައުބާ އާއި އެކީގައިވެސް، ޤުރުއާނާއި ސުންނަތުގައި އައިސްފައިވެއެވެ.

1- އިސްތިޣްފާރާއި ނުލާ ހަމަ އެކަނި ތައުބާ އައިސްފައި ވުން:

فَمَنْ تَابَ مِنْ بَعْدِ ظُلْمِهِ وَأَصْلَحَ فَإِنَّ اللَّهَ يَتُوبُ عَلَيْهِ إِنَّ اللَّهَ غَفُورٌ رَحِيمٌ

މާނައަކީ: ”ފަހެ އަނިޔާވެރިވުމަށް ފަހު ތައުބާވެ އިޞްލާޙް ވެއްޖެ މީހާ، ހަމަކަށަވަރުން މާތް ﷲ އެ މީހާގެ މައްޗަށް ތައުބާ ލައްވާނެތެވެ. ހަމަކަށަވަރުން މާތް ﷲ އީ ފާފަ ފުއްސަވާ ރަޙްމަތްވަންތަ ރަސްކަލާނގެއެވެ. ” (އަލްމާއިދާ:39)

ކޮމެންޓު ލިޔުއްވާ

ބޭނުން ވާ މައުލޫމާތު *