ފުރަތަމަ ސަފުހާ / އާޓިކަލް / މިނިމަލިޒަމް – މަޝްހޫރުވަމުން އަންނަ ސާދާ ދިރިއުޅުމުގެ ވައްޓަފާޅި
Minimalist Living
Minimalist Living

މިނިމަލިޒަމް – މަޝްހޫރުވަމުން އަންނަ ސާދާ ދިރިއުޅުމުގެ ވައްޓަފާޅި

ގޭގައި މާގިނައިން އެއްޗެހި ތޮއްޖެހި ތަރުތީބެއްނެތިފައި ހުރޭ ހެއްޔެވެ؟ ގެންގުޅޭ އެއްޗެއް އެއްލާލަންވީމާ ހިތަށް އަސަރުކުރޭ ހެއްޔެވެ؟ މިކަމުގެ ހައްލު ވަރަށް ސާދާއެވެ. ތިމާ ކޮންމެހެން ބޭނުންނޫން އެއްޗަހި ގޭގައި ނުބަހައްޓާށެވެ. ބޭނުންވާ އެއްޗެހީގެ އިތުރަށް އެއްޗެހި ނުގަންނާށެވެ. އަތުގައި ބޭނުން ހިފޭ އެއްޗެއް އޮއްވައި އެންމެ “އަޕްޑޭޓެޑް” ނުވަތަ ފަހުގެ ތަކެތި ގަންނަން ނުވިސްނާށެވެ. ކޮންމެހެން ބޭނުން ޖެހިދާނެ ކަމަށް ތިންހަތަރު ތަށި ސެޓް ގަނެފައި ނުބަހައްޓާށެވެ.

ބަޔެއް މީހުންނަކީ ގެންގުޅޭ އެއްޗެއް އެއްލާލަން ނުވަތަ އެހެން މީހުންނަށް ދޭންޖެހުމުން ދެރަވެ ހިތްހަމަ ނުޖެހޭ މީހުންނެވެ. އަދި ގިނައިން އެއްޗެހި ގަތުމުގެ އާދައާއި ވަކިވާން ބޭނުން ނުވާ މީހުންނެވެ. ގެންގުޅެންވީ އެންމެ ފަހުގެ ފޯނެވެ. ކޮންމެ ހެދުމަކަށް ގުޅޭ ފައިވާނަކާއި ބޫޓެއް ހުންނަން ޖެހެއެވެ. ދަރިފުޅު ރުއްސަން މަހަކު ތިން ހަތަރު ފަހަރު ކުޅޭ އެއްޗެހި ގަންނަން ވެއެވެ. ދަރިން ބޮޑެވެ ވަޒީފާއަށް ދާއިރުވެސް ކިޔެވި ފޮތްތަކާއި ޕޭފަރުތައް ގޭގައެވެ. Hoarding

މިނިމަލިޒަމް ވައްޓަފާޅިއަށް ދިރިއުޅުން ބަދަލުކުރެވޭނީ މީހުންގެ މިފިކުރު ބަދަލުކޮށްގެންނެވެ. ފުރަތަމަ ކަމަކީ ގޭގައި ގެންގުޅޭ ހުރިހާ ތަކެއްޗަކީ ތިމާ ބޭނުންކުރާ އެއްޗެހިތޯ ބެލުމެވެ. އެކަންކުރެވޭނެ އެއްގޮތަކީ ތިމާ ގެންގުޅޭ އެއްޗެހީގެ ތެރެއިން ބޭނުންވާ އެއްޗެއްކަމަށް ޔަޤީން ނުކުރެވޭ  ތަކެތި ވަކި ކަބަޑެއް ނުވަތަ ވަށިގަނޑަކަށް އަޅާފައި ބެހެއްޓުމެވެ. ދެމަސް ދުވަސް ވާއިރު ނުނަގާ ހުންނާނީ ތިމާ ކޮންމެހެން ބޭނުން ނުވާ އެއްޗެއްސެވެ.  މިސާލަކަށް، ބޭނުން ނުކުރާ ތެލި، ތަށި، ފޮތް އަދި ހެދުން ފަދަ ތަކެއްޗެވެ. އެތަކެތި މީހަކަށް ހަދިޔާކުރެވިދާނެއެވެ. ނުވަތަ ރިސައިކަލް ކުރެވިދާނެއެވެ.

މިނިމަލިޒަމް ވައްޓަފާޅިއަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވަނީނަމަ ހަދާންކުރަންވީ  ލިބޭ އެއްޗެހީގެ އަދަދާއި އަގަށް ބެލުމުގެ ބަދަލުގައި ތަކެތީގެ ކޮލެޓީއަށް ބެލުމަށެވެ. ރަނގަޅު ކޮލެޓީގެ އެއްޗެހި ގިނަ ދުވަހު ގެންގުޅެވޭނެއެވެ. އަދި މައްސަލަ ޖެހުން ކުޑަވާނެއެވެ. މިނިމަލިޒަމް ވައްޓަފާޅީގެ ބޭނުމަކީ ތިމާ ގެންގުޅޭ ކޮންމެ އެއްޗަކީ ތިމާގެ ނަޒަރުގައި ބޭނުން ހިފޭ އަގުހުރި އެއްޗަކަށް ހެދުމެވެ. މިގޮތަށް ދިރިއުޅުން ބައްޓަންކުރުމުގައި ގަވައިދެއް ނެތެވެ. ކޮންމެ މީހެއްގެ ނަޒަރުގައިވެސް އަގުހުރި އެއްޗެހި ތަފާތުވެދާނެއެވެ. އެކަކަށް ގިނަ އަންނައުނު މުހިންމުވާއިރު އަނެކަކަށް ފޮތް އެއަށްވުރެ މުހިންމު ވެދާނެއެވެ. މިނިމަލިޒަމްގެ ވައްޓަފާޅިއަކީ ތިމާ ހިތްއެދޭ ހުރިހާ އެއްޗެއް ޤުރުބާން ކުރުމެއް ނޫނެވެ. ނަމަވެސް ތަކެތި ގެންގުޅުމުގައި މެދުމިން ޚިޔާރުކުރުމެވެ.Minimalist

މިނިމަލިޒަމްގެ ވައްޓަފާޅީގެ އަސާސްއަކީ އަކީ ގޭގައި ހުންނަންވާނީ ތިމާ ކޮންމެހެން ބޭނުންކުރާ އަދި ތިމާ ގަޔާވާ ތަކެއްޗެވެ. އަދި ގޭގައި ހުންނަ ކޮންމެ އެއްޗަކަށްވެސް ޚާއްސަކުރެވިފައިވާ ތަނެއް ހުންނަން ޖެހޭނެ ކަމެވެ. މިނިމަލިޒަމް ވައްޓަފާޅިއަށް ދިރިއުޅޭ މީހުން ބުނަނީ މިގޮތަށް ދިރިއުޅުން ބަދަލުކުރުމުން އުދާހާއި “ސްޓްރެސް” ކުޑައެވެ. އެއީ ގޭގައި ހުންނަ އެއްޗެހި މަދުވުމުން ތަރުތީބުކޮށް  ބަހައްޓަން ފަސޭހަވުމެވެ. މިފަދަ މާހައުލެއްގައި ހިތްގައިމުކަން އެކުލެވޭނެއެވެ. އަދި އެއްޗެހި މަދުވުމުން ތަނުގެ ޖާގަ ތަނަވަސްކަމަށް ފެންނާނެއެވެ.

މިގޮތަށް ދިރިއުޅުން ބަދަލުކުރުމުން ތިމާ ގެންގުޅޭ ތަކެތީގެ އަގުވަޒަން ކުރެވޭ މިންވަރު ބޮޑެވެ. އެއީ ގެންގުޅޭ ތަކެތި މަދުވުމުން އެތަކެތި ގެންގުޅުމުގައި ފަރުވާތެރިކަން ބޮޑުވުމުންނެވެ. ބައެއް މީހުން ބުނާ ގޮތުން މި ގޮތަށް ދިރިއުޅުން ބަދަލުކުރުމުން ދިރިއުޅުމުގެ ޚަރަދުތައް ކުޑަވެއެވެ. އެއީ ކޮންމެހެން ގަންނަން ބޭނުން ނޫން އެއްޗެހި ނުގަންނާތީއެވެ. މިކަމުން ރައްކާކުރެވޭ ފައިސާ ޤައުމުތަކަށް ދަތުރުކުރަން ބޭނުން ކުރެވިދާނެއެވެ. ނުވަތަ އެނޫންވެސް ތިމާއަށް ހިތްހަމަޖެހުން ގެނުވައިދޭ ކަމެއްގައި ޚަރަދުކުރެވިދާނެއެވެ. އަދި ބޭނުން ޖެހިފައިވާ މީހުންނަށް އެހީ ވެވިދާނެއެވެ.  

 

ކޮމެންޓު ލިޔުއްވާ

ބޭނުން ވާ މައުލޫމާތު *