ފުރަތަމަ ސަފުހާ / އާޓިކަލް / އޭނާ އަހަރެންގެ އަގުވަޒަން ނުކުރޭ!

އޭނާ އަހަރެންގެ އަގުވަޒަން ނުކުރޭ!

އިންސާނުންނަކީ އަބަދުވެސް އެހެންމީހުންގެ ރުހުމާއި ލޯތްބަށް އެދޭބައެކެވެ. ތަފާތު މީހުންނަށް ލޯބި އިހްސާސަވަނީ ތަފާތު ކަންކަމުންނެވެ. ބައެއް މީހުންނަށް ލޯބި އިހްސާސްވަނީ އެހެންމީހުން އެމީހަކަށް ކަންތައް ކޮށްދިނުމުންނާއި ހަދިޔާ ދިނުމުންނެވެ. އަނެއްބަޔަކަށް ލޯބި އިހްސާސް ވަނީ ލޯބިން ބުނާ ބަސްތަކުންނާއި ލޯބީގެ އިޝާރާތްތަކުންނެވެ. ނަމަވެސް ބައެއްމީހުންނަށް ލޯބި އިހްސާސްވަނީ އެހެންމީހުން ތިމާގެ އަގުވަޒަންކުރާ ކަމުގެ އިހްސާސް ވުމުންނެވެ. މިސާލަކަށް ކުރާކަމަށް ޝުކުރު އަދާކޮށް ތަޢުރީފް ކުރުމުންނެވެ.

“އޭނާ އަހަރެން ކޮއްދޭ ކަންތަކުގެ އަގުވަޒަންނެއް ނުކުރޭ!” މީ ތިޔައިގެ ތެރެއިން ކިތައްބޭފުޅުންގެ ހިތަށް އަރާ އެއްޗެއް ހެއްޔެވެ؟ ތިމާ ތިމާގެ މަންމައަށް ނުވަތަ ރަހުމަތްތެރިއަކަށް ނުވަތަ ފިރިމީހާއަށް ނުވަތަ އެނޫންވެސް ފަރާތަކަށް ކޮށްދޭ ކަންތަކުގެ އަގުވަޒަން ނުކުރާކަމުގެ ޝަކުވާ ހިތުގައި އޮންނަނީ ކިތައް ބޭފުޅުންގެ ހެއްޔެވެ؟

މިގޮތަށް އިހްސާސްވާން ދިމާވާ ބައިވަރު ސަބަބުތައް އެބަހުއްޓެވެ. އެއްސަބަބަކީ ބޮޑުވާ މާހައުލާއި އާއިލާގެ ވައްޓަފާޅިއެވެ. ބައެއް އާއިލާތަކުގެ ވިސްނުމަކީ ބައެއް ކަންތަކަކީ އަނެކާ ކޮންމެހެން ކުރަންޖެހޭ ކަންތަކެކެވެ. އެކަންތައް ކުރުމުން ކޮންމެހެން ޝުކުރު އަދާކުރާކަށް ނުޖެހޭނެއެވެ. ބައެއްފަހަރު ހިތުން ޝުކުރު އިހްސާސްވިޔަސް ދުލުން އެކަން ހާމަނުކުރުމަކީ މިފަދަ އާއިލާތަކުގެ އާދައެވެ. ނަމަވެސް އަނެއްބައި އާއިލާތަކަކީ މީހުން ކޮށްދޭކަންތަކަށް ޝުކުރުކުރުމާއި ތަޢުރީފް ކުރުމުގެ އާދަ އޮންނަ އާއިލާތަކެވެ. މައްސަލަ ޖެހެނީ މިފިކުރު ހުންނަ މީހެއް އަނެއްފިކުރުގެ މީހަކަށް ކަމެއްކޮށްދީ އެކަމަށް ތަޢުރީފާއި ޝުކުރު ނުލިބުމުންނެވެ.

މިގޮތަށް ކަންތައްވުމަކީ ތިމާގެ ހިތައް ބުރަކަން އިޙްސާސްވެ އަނެއް މީހާއަށް ކަންތައްކޮށްދިނުމަށް ފޫހިވާނެކަމެކެވެ. އަނެއްކޮޅުން އަނެކާއަށް ތިމާހުރީ ހިތްހަމަނުޖެހިފައިހުންނަކަން އިޙްސާސްނުވެ ހިގައިދާނެވެ. މިކަމުގެ ސަބަބުން ދެމީހުންގެ ގުޅުން ހީނަރުވެގެން ދިއުން އެކަށީގެންވެއެވެ. މިކަމުގެ ހައްލަކީ ދެފާރާތުން ރަނގަޅަށް ވާހަކަދެއްކުމެވެ. ތިމާކުރާކަންތަކުގެ އަގުވަޒަންނުކުރާކަމުގެ އިހްސާސްވާނަމަ އެވާހަކަ ބުނުމެވެ. ހިތްބުރަކޮށްގެން މޫނުމަތިން ހިނިތުންވެގެން ނުހުރުމެވެ. އަނެކާވެސް އެވާހަކަދެއްކުމުން ރުޅިނައިސް އެހެންމީހުންގެ އިހްސާސްތައް ދެނެގަންނަން މަސައްކަތްކުރުމަކީ ވަރަށް މުހިންމުކަމެވެ.

އެހެންމީހުން ކޮށްދޭކަންތަކަށް ޝުކުރުއަދާކުރުމަކީ ވަރަށް ރީތި އާދައެކެވެ. އަދި އެއީ ދެމީހެއްގެ ގުޅުން ވަރުގަދަކޮށް ދެމެހެއްޓުމަށް މުހިންމުކަމެކެވެ. ހަދާންކުރަންޖެހޭ އަނެއްކަމަކީ ތިމާކުރާ ކޮންމެ ކަމަކަށް އެހެންމީހުން ޝުކުރުއަދާނުކޮށްފާނެ ކަމެވެ. އެހެންކަމުން މީހުންނަށް ކަންތައްކޮށްދޭންވާނީ އަމިއްލައަށް ބޭނުންވެގެން ބަދަލުގައި އެއްޗެއް ލިބޭނެކަމުގެ އުންމީދެއްނެތިއެވެ. އެގޮތަށް އުންމީދުކުރާމުގައި ވަނީނަމަ ކަމެއް ކޮށްދިނުމުގެ ކުރިން އަނެކާއަށް ތިމާއެދޭގޮތް ހާމަކުރާށެވެ. އޭރުން ފަހުން ހިތްބަރުވެ އަނެކާއާއި ގުޅުން ކެޑެން ނުޖެހޭނެއެވެ.  

  

ކޮމެންޓު ލިޔުއްވާ

ބޭނުން ވާ މައުލޫމާތު *