ފުރަތަމަ ސަފުހާ / ޚަބަރު / އިންސާނެއްގެ ބޯ ފުރަތަމަ ފަހަރަށް ބަދަލުކުރަނީ

އިންސާނެއްގެ ބޯ ފުރަތަމަ ފަހަރަށް ބަދަލުކުރަނީ

މިވާހަކަ އަޑުއިވުުން މިއީ ބިރުވެރި ވާހަކައެއް ނުވަތަ ފިލްމެއްގެ މަންޒަރެއް ކަަމަށް ތިޔަބޭފުޅުންނަށް ހީވެދާނެއެވެ. ނަމަވެސް މިއީ ހަޤީގަތެކެވެ. ދުނިޔޭގައި ފުރަތަމަ ފަހަރަށް އިންސާނެއްގެ ބޯ ޓްރާންސްޕްލާންޓްކުރުން ނުވަތަ ބަދަލުކުރުން މިއަހަރު ތެރޭގައި ކުރިޔަށްދާނެއެވެ. އިޓަލީގެ ނިއުރޯސައިންޓިސްޓެއްކަމަށްވާ ސާޖިއޯ ކެނެވޭރޯ އިޢްލާން ކުރެއްވިގޮތުގައި މި މަސައްކަތް 2013 ވަނަ އަހަރުންފެށިގެންވަނީ ރާވާފައެވެ. އަދި އެކަމަށްޓަކައިި ޗައިނާގެ އޮޕަރޭޝަން ޑޮކްޓަރެއް ކަނެވޭރޯއަށް އެހީތެރިއެއްގެ ގޮތުގައި މަސައްކަތްކުރެއްވުމަށްވަނީ ހަމަޖެހިފައެވެ.

ބޯ ބަދަލުކުރުމަށް ރަޝިއާގެ ވޮލަންޓިރެއްކަމުގައިވާ ވެލެރީ ސްޕިރިޑިނޯފް ކިޔާ މީހަކުވަނީ ލިބިިފައެވެ.  ސްޕްރިޑިނޯފްއަކީ “ވާރޑިން-ހޮފަމަން” ކިޔާ ބައްޔެއްގެ ޝިކާރައަކަށްވެފައިވާ މީހެކެވެ. މި ބައްޔަކީ ޢާއިލީގޮތުން ވާރުތަވާ ވަރަށް މަދުން ޖެހޭ ނުރައްކާތެރި ބައްޔެކެވެ. މި ބަލީގެ ސަބަބުން މަސްތައް ކުދިކުދިވެ ނާރުތަކުގެ ސެލްތައް މަރުވެ މައިބަދައާއި ސިކުނޑީގެ ގުޅުންކެޑި ހަށިގަނޑު ދެރަވެ ނިކަމެތިވެގެންދެއެވެ. ސްޕްރިޑިނޯފް އުޅެނީ ފްރޮޅުލީ ގޮޑިއެއްގައި އޭނާގެ އަތުގެ އެހީތެރިކަމުން ދެވޭ ކުޑަކުޑަ ޙަރަކާތަކުންނެވެ. ސްޕްރިޑިނޯފް ބުނާގޮތުން އޭނާއަށް ފަރުވާކުރުމަށް މިނޫން ގޮތެއް ނެތެވެ.

ވެލެރީ ސްޕިރިޑިނޯފް ބޯ ބަދަލުކުރުމަށް ވަނީ އެއްބަސްވެފައި

އޮޕަރޭޝަން ޑޮކްޓަރުން މިހާރު އިންތިޒާރުކުރަމުން ދަނީ ސިކުނޑި މަރުވެފައިވާ ނުވަތަ “ބްރެއިން ޑެޑް” ޒުވާނެއް ހޯދާ އެމީހާގެ ހަށިގަނޑު ބޭނުުންކުރުމުގެ ހުއްދައަކަށެވެ. މިއޮޕަރޭޝަން ކުރިއަށްދާއިރު ސްޕްރިޑިނޯފްގެ ބޯ ހަށިގަނޑުން ވަކިކޮށްލުމަށްފަހު ގަނޑުކޮށްލެވޭނެއެވެ. އެއީ އޮކްސިޖަންނެތި ސިކުޑީގެ ސެލްތައް މަރުވުން ލަސްކުރުމަށެވެ. އަދި ސިކުޑި މަރުވެފައިވާ މީހާގެ ބޯ ހަށިގަނޑުން ވަކިކޮށްލުމަށްފަހު ސްޕްރިޑިނޯފް ގެ ބޯ އެހަށިގަނޑުގައި ތެރަހުން ތަތްކޮށް ފަހާލެވޭނެވެ. އެއަށްފަހު ޑޮކްޓަރުން ޤަބޫލްކުރައްވާގޮތުގައި 1 މަސްވަންދެން ސްޕްރިޑިނޯފްގެ ފާރުތައް ފަސޭހަވަންދެން ކޯމާއެއްގައި ބާއްވަންޖެހޭނެއެވެ. 

ސައިންވެރިންގެ ބައެއް ޖަމާޢަތްތަކުން ބޯ ބަދަލުކުރުމުގެ ކަންތައް ގެންދަން އުޅޭގޮތާއިމެދު ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުކޮށްފައިވެއެެވެ. އަދި މިއީ ވަރަށް ދަށު ދަރަޖައިގެ ކަަމެއްކަމަށާއި ސައިންސްގެ އެތިކްސްއާވެސް ޚިލާފް ކަމެއްކަމަށް ބައެއް ސައިންސްވެރިން ބުނެފައިވެއެވެ. އަދި މީ ވަގުތު ބޭކާރުކުރުމެއް ކަމަށާއި، ކުރާ ނާއުއްމީދުތަކެއް ކަމަށްވެސް ބުނެފައިވެއެވެ. ބޯ ބަދަލުކުރުމުގެ އޮޕަރޭޝަންގެ ތެރޭގައި މި ބަލިމީހާ މަރުވެއްޖެނަމަ، މީހަކު މަރާލުމުގެ ދަޢުވާ މި ޓްރާންސްްޕްލާންޓްްް ކުރަން އުޅުއްވާ ޑޮކްޓަރުންގެ މައްޗަށް އުފުލުން ވަރަށް ގާތްކަމުގައި އެއް ސައިންސްވެރިޔަކު ވިދާޅުވިއެވެ.

އޮޕަރޭޝަން ޑޮކްޓަރުން ޤަބޫލުކުރައްވާގޮތުގައި އޮޕަރޭޝަނަށްފަހު ސްޕްރިޑިނޯފް އޭނަގެ މުޅި ހަށިގަނޑުގެ މަސައްކަތްކުރާނެއެވެ. އެ ގޮތުން އަމިއްލަވަންތަކަމާއި، ނަފްސާއި ވިސްނުން ހުންނާނީ ސްޕްރިޑިނޯފްގެ ގޮތުގައެވެ. އެހެންނަމަވެސް އިޓަލީގެ ދެ ބަޔޯއެތިސިސްޓުން ވިދާޅުވާގޮތުގައި ކަނަވަރޯ ކޮންމެ ގޮތަކަށް އުންމީދުކުރެއްވިޔަސް ފަހުގެ ސައިންސުން ދައްކާގޮތުން މީހާގެ ވިސްނުމާއި ހަށިގަނޑަކީ ގުޅިލާމެހިފައިވާ ދޭއްޗެއް ކަމަށާއި އެހެންމީހެއްގެ ހަށިގަނޑެއްގައިި ސްޕްރިޑިނޯފްގެ ވިސްނުމާއި ހަރަަކާތް ބޭނުން ކުރުމަކީ ވަރަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހޭނެކަމެއް ކަމުގައެވެ.

ކޮމެންޓު ލިޔުއްވާ

ބޭނުން ވާ މައުލޫމާތު *