ފުރަތަމަ ސަފުހާ / އާޓިކަލް / ނަމޫނާ ލިޔުން – އާ މެމްބަރުން ހުވާކުރަން ދަރުބާރުގެ ނުދިން: ސިޓީ ކައުންސިލް

ނަމޫނާ ލިޔުން – އާ މެމްބަރުން ހުވާކުރަން ދަރުބާރުގެ ނުދިން: ސިޓީ ކައުންސިލް

މާލޭ ސިޓީ ކައުންސިލަށް އަލަށް އިންތިހާބުވި މެމްބަރުން ހުވާކުރުމުގެ ރަސްމިއްޔާތު އަންނަ މަހުގެ ތިންވަނަ ދުވަހު ބާއްވަން ހައުސިން މިނިސްޓްރީން ދަރުބާރުގެ ދޫނުކުރި ކަމަށް، މިހާރުގެ ކައުންސިލުން މިއަދު ބުނެފި އެވެ.

ސިޓީ ކައުންސިލްގެ މެމްބަރު ޝަމާއު ޝަރީފް ވިދާޅުވީ އަލަށް ހޮވުނު މެމްބަރުން ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވަން ހައުސިން މިނިސްޓްރީން ފުރަތަމަ ދޭން ނިންމީ ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަން ކަމަށެވެ. އެގޮތުން 13،000ރ. ދައްކަން މިނިސްޓްރީން އެންގި ކަމަށް އޭނާ ވިދާޅުވި އެވެ.

“ފަހުން އެންގީ ފާށަނާ މާލަން ކަމަށް ދެެވެން އޮތީ،” މިފަހަރު ވެސް މާލޭ ސިޓީ ކައުންސިލަށް އިންތިހާބުވެވަޑައިގެންނެވި ޝަމާއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ފާށަނާ މާލަން ދޭން އެއްބަސްވުމަށް ފަހު އެންގީ ދައްކަން ޖެހޭނީ ނަގުދު ފައިސާއިން ކަމަށެވެ. އެކަމަކު އެ ފައިސާ ދައްކަން އުޅެނިކޮށް އިއްޔެ ކުއްލިއަކަށް މިނިސްޓްރީން އެންގީ އެތަން ވެސް ދޫކުރެވެން ނެތް ކަމަށް ކަމަށް، ޝަމާއު ވިދާޅުވި އެވެ.

“އަޅުގަނޑުމެން މި ރަސްމިއްޔާތު ބާއްވަން އެތަން ހޯދަން އުޅޭތާ މިހާރު މަހެއްހާ ދުވަސް މިވީ. އެކަމަކު ކުއްލިއަކަށް އެންގީ އެހެން ބޭނުމަކަށް އެތަން ވެސް ދޫކޮށްފައި ކަމަށް އޮތީ،” އޭނާ ވިދާޅުވި އެވެ.

ޝަމާއު ވިދާޅުވީ ދަރުބާރުގެ ނުލިބުމުން މިހާރު ނިންމާފައި ވަނީ ކޮންމެވެސް ސްކޫލެއްގައި ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވަން ކަމަށެވެ.

“އަޅުގަނޑުމެން ފޮނުވާ އެއްވެސް ސިޓީއަކަށް ހައުސިން މިނިސްޓްރީން ޖަވާބެއް ނުދޭ،” ޝަމާއު ވިދާޅުވި އެވެ.

މިކަމާ ގުޅޭ ގޮތުން ހައުސިން މިނިސްޓްރީގެ ބަހެއް އަދި ނުލިބެ އެވެ.

މިމަހުގެ ހަވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭ ސިޓީ ކައުންސިލްގެ 13 ގޮނޑީގެ ތެރެއިން އެއް ގޮނޑި ފިޔަވައި ހުރިހާ ގޮނޑިއެއް ކާމިޔާބުކުރީ އިދިކޮޅު އެމްޑީޕީންނެވެ.

ކޮމެންޓު ލިޔުއްވާ

ބޭނުން ވާ މައުލޫމާތު *