ފުރަތަމަ ސަފުހާ / ޓެކްނޮލޮޖީ / ނަމޫނާ ލިޔުން – އައިފޯން 8އާ ބެހޭ ގޮތުން ދެކެވޭ ވާހަކަތައް: ވަޔަލެސް ޗާޖިން އަދި އެންމެ އަގުބޮޑު އައިފޯން

ނަމޫނާ ލިޔުން – އައިފޯން 8އާ ބެހޭ ގޮތުން ދެކެވޭ ވާހަކަތައް: ވަޔަލެސް ޗާޖިން އަދި އެންމެ އަގުބޮޑު އައިފޯން

އައިފޯން 7 ބާޒާރަށް ނެރުނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ނަމަވެސް ދެން އަންނަ އައިފޯނަކަށް އިންތިޒާރު ކުރަމުންދާ މީހުން މިހާރުވެސް މަދެއް ނޫނެވެ. އަދި އައިފޯން 8ގައި ހުންނާނެ ބައެއް ފީޗާތަކާއި އިފްތިތާހު ކުރާނެ ތާރީހާ ބެހޭ ގޮތުން ވާހަކަތައް ވަނީ ފެތުރެން ފަށައިފައެވެ.

އެޕަލްގެ ބާނީ ސްޓީވް ޖޮބްސް އެންމެ ފުރަތަމަ އައިފޯން ބާޒާރަށް ނެރުނީ 29 ޖޫން 2007ގައި ކަމުން މިއަހަރު އައިފޯނުގެ 10 ވަނަ އަހަރީ ދުވަސް ފާހަގަ ކުރާނެ އެވެ. ވީމާ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިއަހަރުގެ ޖޫން މަހު އާ އައިފޯން އިފްތިތާހު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބައެއް ފަރާތްތަކުން ދެކެ އެވެ. ނަމަވެސް ކަމާ ބެހޭ ގިނަ ފަރާތްތަކުން ލަފާ ކުރާ ގޮތުގައި އަވަހަށް އައިފޯން ނެރުމަކީ ފޯނު އުފައްދާ ފަރާތްތަކަށް އުނދަގޫ ވާނެ ކަމެއް ކަމުން، މިއަހަރުވެސް އައިފޯން ނެރޭނީ އާއްމުކޮށް އައިފޯން ނެރޭ ސެޕްޓެމްބަރު މަހުގެ ފުރަތަމަ ދެ ހަފްތާ ތެރޭގައެވެ.

އެންމެ ފަހުގެ ރިޕޯޓުތަކުގައިވާ ގޮތުން އައިފޯން 8 ވާނީ އެންމެ އީޖާދީ ފީޗާތައް ހިމެނޭ، އެހެންކަމުން އެންމެ އަގު ބޮޑު އައިފޯނަށްވެސްމެއެވެ. ވިޔަފާރި އާއި ޓެކްނޮލޮޖީއާ ބެހޭ މައުލޫމާތު ގެނެސްދޭ ފާސްޓް ކޮމްޕެނީ މެގަޒިންއިން އެޕަލްއާ ގުޅުން ހުރި ފަރާތަކާ ހަވާލާދީ ބުނާ ގޮތުގައި އާ އައިފޯނުގެ އަގު 1000 ޑޮލަރަށް ވުރެ އިތުރުވުން ގާތެވެ. ނަމަވެސް މިދިޔަ އަހަރު ނެރުނު އައިފޯން 7 ޕްލަސްގެ އަގަކީ 969 ޑޮލަރު ކަމުން އެއީ މާބޮޑަށް ހައިރާންވާންވީ ކަމެއް ނޫނެވެ.

ފާސްޓް ކޮމްޕެނީން ބުނާ ގޮތުގައި އައިފޯން 8 އަގު ބޮޑު ވާނެ ސަބަބުތަކުގެ ތެރޭގައި ކުރީގެ ފޯނުތަކުގައި ބޭނުން ކުރާ އެލްސީޑީ ޑިސްޕްލޭގެ ބަދަލުގައި، އެއަށް ވުރެ ދެގުނަ އަގުބޮޑު އޯލެޑް ޑިސްޕްލޭއެއް ބޭނުން ކުރުން ހިމެނެ އެވެ. އަދި އައިފޯން 7 އަށް ވުރެ، އާ އައިފޯނުގެ މެމޮރީ އާއި ބެޓެރީ ލައިފްވެސް އިތުރުވާނެ ކަމަށް އެމެގަޒިން އިން ބުނެ އެވެ.

 

އައިފޯން 8ގެ ކޮންސެޕްޓް، އާ އައިފޯން ވަޔަލެސްކޮށް ޗާޖް ކުރެވޭނެ ކަމަށް ރިޕޯޓުތަކުގައިވޭ — ފޮޓޯ: ފޯބްސް

މީގެ އިތުރުން 5.8 އިންޗީގެ އައިފޯން 8 އާއެކު، އައިފޯން 7 އެސްގެ ނަމުގައި 4.7 އިންޗީގެ މޮޑެލްއަކާއި، އައިފޯން 7 އެސް ޕްލަސްގެ ނަމުގައި 5.5 އިންޗީގެ މޮޑެލްއެއް އެޕަލް އިން ނެރޭނެ ކަމަށް ރިޕޯޓުތަކުގައިވެ އެވެ. އައިފޯން 8އަށް އައިފޯން އެކްސްގެ ނަން ދިނުމަކީ އެކަށިގެންވާ ކަމެއް ކަމަށްވެސް ބައެއް ރިޕޯޓުތަކުގައިވެ އެވެ.

އެޕަލް އެނެލިސްޓެއް ކަމަށްވާ މިން ޗޯ ކުއޯ ބުނާ ގޮތުގައި އާ އައިފޯނާއެކު އެޕަލް އިން އެންމެ ފަހުން ވަޔަލެސް ޗާޖިން ތައާރަފް ކުރާނެ އެވެ. އަދި އައިފޯން 4 އާއި 4 އެސް ހުންނަ ގޮތަށް އާ އައިފޯން ހަދާފައި ހުންނާނީ ބިއްލޫރިންނެވެ.

އަދި އައިފޯން 7ގެ ޑިޒައިނާ އެއްގޮތަށް އާ އައިފޯނުގައި ‘ޕްރެސް’ ކުރާ ހޯމް ބަޓަނެއް ނުހުންނާނެ އެވެ. އޭގެ ބަދަލުގައި ‘ޓަޗް’ އިން އެކްޓިވޭޓްވާ ހޯމް ބަޓަނަކާއެކު، އައިފޯނުގެ އެއް ފަރާތުގައި ހުންނަ ބަޓަންތައް ވެސް އެގޮތަށް ބަދަލު ކުރާނެ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

ކޮންމެއަކަސް އެޕަލް އާއި ސެމްސަންގާއި ގޫގުލް ފަދަ ކުންފިނަތަކާ އޮތް ވާދަވެރިކަން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ވީމާ އެންމެ ފަހުގެ ފޯނަށް ކުރާ އިންތިޒާރުގެ ނިމުން އެންމެ ފޮނިވާނީ ކޮން ކުންފުންޏަކަށް ލޯބި ކުރާ ފަރާތްތަކަށްތޯ ސުވާލު އުފެދެއެވެ.

ކޮމެންޓު ލިޔުއްވާ

ބޭނުން ވާ މައުލޫމާތު *