ފުރަތަމަ ސަފުހާ / އަތޮޅު ތަކުން / ކ. އަތޮޅު / ނަމޫނާ ލިޔުން – ކުޅުންތެރިންނަށް ފުރިހަމަ އަށް އިހުތިރާމްކުރަން: ސެކުލޮސްކީ

ނަމޫނާ ލިޔުން – ކުޅުންތެރިންނަށް ފުރިހަމަ އަށް އިހުތިރާމްކުރަން: ސެކުލޮސްކީ

ގާތްގާތުގައި މެޗުތައް ކުޅެން ޖެހުނު ނަމަވެސް ކޮންމެ މެޗެއްގައި ވެސް ކުޅުންތެރިން މޮޅުވުމަށް ކުރާ މަސައްކަތާއި ދައްކާ ހިތްވަރަށް ފުރިހަމަ އަށް އިހުތިރާމްކުރާ ކަމަށް މާޒިޔާގެ ކޯޗު މެސެޑޯނިއާގެ މަރްޔާން ސެކުލޮސްކީ ބުނެފި އެވެ.

އިއްޔެ އޭއެފްސީ ކަޕްގައި މާޒިޔާ ވަނީ އަބަހާނީ ޑާކާ ލިމިޓެޑް އަތުން 2-0 އިން މޮޅުވެފަ އެވެ. މިއީ ފާއިތުވި 30 ދުވަހުގެ ތެރޭގައި މާޒިޔާ ކުޅުނު އަށް ވަނަ މެޗެވެ. މެޗަށް ފަހު ސެކުލޮސްކީ ބުނީ މާޒިޔާގެ ކާމިޔާބަކީ ވަރުބަލިކަމާ އެކު ވެސް ކުޅުންތެރިން ކުރާ ބުރަ މަސައްކަތުން ލިބޭ އެއްޗެއް ކަމަށެވެ.

ކުޅުންތެރިންނަށް މަރުހަބާ ކިޔަން. ކުޅުންތެރިންނަށް ފުރިހަމަ އަށް އިހުތިރާމް ކުރަން. މިއީ 30 ދުވަހުގެ ތެރޭގައި މި ކުޅުންތެރިން ކުޅުނު 8 ވަނަ މެޗު. އެކަމަކު ފެނުނު މި ކުޅުންތެރިން މޮޅުވާން ކުރި ހިތްވަރު. ކުރި މަސައްކަތް. މިއީ މިހާތަނަށް ވެސް އަހަރެމެން މޮޅުވުމުގެ ސަބަބަކީ،” ސެކުލޮސްކީ ބުންޏެވެ. “މި ކުޅުންތެރިން މި ކުރާ ހިތްވަރު އެނގޭނީ ޕްރޮފެޝަނަލްކޮށް ފުޓްބޯޅަ ކުޅޭ ފުޓްބޯޅަ ދަންނަ ބަޔަކަށް. މި ކުޅުންތެރިންނަށް އިހުތިރާމް ކުރަން ޖެހޭ.”

އިއްޔެގެ މޮޅާ އެކު މާޒިޔާ ގްރޫޕް އީގެ އެއް ވަނައިގައި އޮތީ ފަސް މެޗުން 12 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި ބެންގަލޫރު އޮތީ ފަސް މެޗުން ނުވަ ޕޮއިންޓާ އެކު އެވެ. ބެންގަލޫރު އަތުން ރޭ މޯހަން ބަގާން 3-1 އިން ހޯދި މޮޅާ އެކު އެ ޓީމު ތިން ވަނައިގައި އޮތީ ފަސް މެޗުން ހަ ޕޮއިންޓާ އެކު އެވެ. އެންމެ ފުލުގައި އޮތް އަބަހާނީ އަށް ފަސް މެޗުން ލިބިފައިވަނީ ތިން ޕޮއިންޓެވެ.

މި ޒޯނުގެ ގްރޫޕްތަކުން މުބާރާތުގެ ދެ ވަނަ ބުރުގެ ޖާގަ ލިބޭނީ އެއް ވަނަ ދާ ޓީމަށެވެ. މާޒިޔާ ގްރޫޕްގެ ފަހު މެޗުގައި މި މަހު 31 ވަނަ ދުވަހު ބެންގަލޫރުގައި އެ ޓީމު އަތުން ބަލިނުވެ ފަރުޖައްސާލައިފިނަމަ އަނެއް ބުރުގެ ޖާގަ ޔަގީންވާނެ އެވެ.

އެހެން ނަމަވެސް އެ މެޗަށްދާއިރު މާޒިޔާ އަށް އޮތީ އެންމެ ރަނގަޅު ހާލަތެއް ނޫން ކަމަށް ސެކުލޮސްކީ ވަނީ ބުނެފަ އެވެ.

“މާޒިޔާ ކުޅުންތެރިންނަށް އިހުތިރާމް ކުރަން ޖެހޭ. އެކަމަކު އެއްބަޔެއްގެ ފަރާތުން އެކަމެއް ނުފެނޭ. އެއީ ފަސް ދުވަހުގެ ތެރޭގައި އަނެއް މެޗު މި ކުޅެނީ އެ އަށް ފަހު މި މަހު 31 ގައި އަހަރެމެން މި ނުކުންނަނީ ދިވެހި ފުޓްބޯޅަ ތާރީޙުގައި ވެސް މުހިއްމު މެޗަކަށް. އެކަމަކު މިއަދު ވެސް ގައުމީ ޓީމަށް ވެސް ކުޅޭ މާޒިޔާގެ ފަސް ކުޅުންތެރިންނަށް އަނިޔާވެއްޖެ،” ސެކުލޮސްކީ ބުންޏެވެ.

އިއްޔެގެ މެޗުގައި މާޒިޔާގެ މުހައްމަދު އުމެއިރު އާއި އަސަދުﷲ އަބްދުﷲ އަދި ޔަޝްފާދު ހަބީބް (މުލަކޭ) ވަނީ އަނިޔާވުމުގެ ސަބަބުން ދެ ވަނަ ހާފްގައި ބަދަލުކޮށްފަ އެވެ. އޭގެ އިތުރުން އަމްދާން އަލީ (އެންޑީ) އާއި ސަމޫހު އަލީ (ސަމުއްޓެ) އަށް ވެސް ވަނީ އަނިޔާވެފަ އެވެ.

އިއްޔެގެ މެޗަކީ މި ފަހަރު އޭއެފްސީ ކަޕްގައި މާޒިޔާ ކުޅުނު މެޗުތަކުގެ ތެރެއިން އެންމެ ގިނަ ސަޕޯޓަރުން ދަނޑަށް ވަން ދުވަހެވެ. އޭގެ ތެރޭގައި ގިނައީ އަބަހާނީ ޓީމަށް ސަޕޯޓްކުރުމަށް ވަން ބަންގްލަދޭޝް މީހުންނެވެ.

މާޒިޔާ އަށް ކުޅޭ ސާބިއާގެ ފޯވާޑް އަލެކްސަންޑަ ރަކިޗް ބުނީ އިއްޔެ މެޗަކީ ޕްރޮފެޝަނަލް ކުޅުންތެރިއަކަށް ވުމުގެ އިހުސާސް ކުރެވުނު މެޗެއް ކަމަށެވެ.

“ރާއްޖެ އައި ފަހުން ފުރަތަމަ ފަހަރަށް ޕްރޮފެޝަނަލް ކުޅުންތެރިއެއްގެ އިހުސާސް ކުރެވުނު މިއަދު. އެއީ ސަޕޯޓަރުން ފެނުމުން. އަހަރެންގެ މައްސަލައެއް ނެތް އެއީ ބަންގްލަދޭޝް މީހުން ކަމަށް ވިޔަސް. ފުޓްބޯޅައިގައި ސަޕޯޓަރުން ވަރަށް މުހިއްުމު. އަހަރެންގެ އުއްމީދަކީ ދެން ހުރި މެޗުތަކުގައި އަހަރެމެންނަށް ސަޕޯޓްކުރުމަށް ސަޕޯޓަރުން އައުމަށް. އެއީ މި ޓީމު ތަމްސީލް މި ކުރަނީ މި ގައުމު،” ރަކިޗް ބުންޏެވެ.

އަބަހާނީގެ ކޯޗު ޑްރަގޯ މަމިޗް ބުނީ މެޗު ބަދަލުވީ އާދައިގެ ގޮތަކަށް ފުރަތަމަ ލަނޑު ވަނުމުން ކަމަށެވެ.

“އަހަރެމެން އެންމެ ފަހުން ކުޅުނު މެޗުގައި ތަފާތު ދެއްކި ކީޕަރު ކައިރިން ފުރަތަމަ ވެސް މި ވަނީ އާދައިގެ ގޯލެއް. އެ ހިސާބުން މެޗު އެނބުރިއްޖެ. އެ ލަނޑު ނުވަންނަމަ މެޗު ނިމުމުގެ ފުރުސަތު ބޮޑީ އެއްވަރުވެގެން. މާޒިޔާ އަކީ ވަރަށް ބެލެންސް ޑިފެންސް ރަނގަޅު ޓީމެއް. އޭއެފްސީ ލެވެލްގައި ވާދަކުރެވޭނީ ބެލެންސް ވަރުގަދަ ޓީމުތަކަށް. އަބަހާނީގެ އަދި އެ ބެލެންސެއް ނެތް،” ރާއްޖޭގެ ގައުމީ ޓީމަށް 2014 ވަނަ އަހަރުގެ ޗެލެންޖް ކަޕްގައި އިރުޝާދުދިން މަމިޗް ބުންޏެވެ.

އަބަހާނީ އަށް މި ފަހަރުގެ މުބާާރާތުގައި ދިމާވީ ތައްޔާރީތަކާއި ޓީމު އެކުލަވާލުމުގެ މައްސަލަތައް ކަމަށާއި ބަންގްލަދޭޝްގައި މި ވަގުުތު ވާދަވެރި މެޗުތަކެއް ކުޅެން ނުލިބުމުން އޭއެފްސީ ކަޕުގައި އެންމެ ރަނގަޅު ނަތީޖާތަށް ނުނެރެވުނު ކަމަށެވެ.

ކޮމެންޓު ލިޔުއްވާ

ބޭނުން ވާ މައުލޫމާތު *