ފުރަތަމަ ސަފުހާ / އަތޮޅު ތަކުން / ރ އަތޮޅު / ނަމޫނާ ލިޔުން – ކައިރި މުސްތަގްބަލެއްގައި އުތުރުކޮރެޔާ އިންޓަކޮންޓިނެންޓަލް ބެލަސްޓިކް މިސައިލް އުފައްދާނެ: އެމެރިކާ

ނަމޫނާ ލިޔުން – ކައިރި މުސްތަގްބަލެއްގައި އުތުރުކޮރެޔާ އިންޓަކޮންޓިނެންޓަލް ބެލަސްޓިކް މިސައިލް އުފައްދާނެ: އެމެރިކާ

ވޮޝިންޓަން (މޭ 24) : ކައިރި މުސްތަގްބަލެއްގައި އުތުރުކޮރެޔާ އިން ދުރުރާސްތާގެ އިންޓަކޮންޓިނެންޓަލް ބެލަސްޓިކް މިސައިލް އުފައްދައި ތަޖްރިބާކުރާނެ ކަމަށް އެމެރިކާ ބުނެފި އެވެ.

އެމެރިކާގެ އަސްކަރީ ޖާސޫސީ އިދާރާގެ ވެރިޔާ ޖެނެރަލް ވިންސެންޓް ސްޓީވާޓް ވިދާޅުވީ ދުނިޔޭގެ ބޮޑެތި ބައްރުތައް ހުރަސްކުރާ ފަދަ އިންޓަކޮންޓިނެންޓަލް ބެލަސްޓިކް މިސައިލް ނިއުކްލިޔާ ވޯހެޑް އުފުލާ ގޮތަށް އުފެއްދުމަކީ އުތުރުކޮރެޔާއަށް ކުރެވިދާނެ ކަމެއް ކަމަށާ އެކަމަށް ބޭނުން ވަނީ ވަގުތުކަމުގަ އެވެ. އުތުރުކޮރެޔާގެ ބެލަސްޓިކް މިސައިލް ޕްރޮގްރާމާ ބެހޭ ގޮތުން ސެނެޓަށް މައުލޫމާތު ދެއްވަމުން ޖެނެރަލް ވިންސެންޓް ސްޓީވާޓް ވިދާޅުވީ އެފަދަ މިސައިލެއް އެމެރިކާއަށް ވެސް ފޯރާނެކަމުގަ އެވެ.

ސްޓީވާޓް ވިދާޅުވީ އުތުރުކޮރެޔާ މިހާރު އޮތް ހިސާބުން އެގައުމުގެ ބެލަސްޓިކް މިސައިލްގެ ޓެކްނޮލޮޖީ ކޮންޓްރޯލް ކުރުމަކީ ބޭރުގެ ފަރާތްތަކަށް ފަސޭހަކަމެއް ނޫންކަމުގަ އެވެ. ސަބަބެއްކަމަށް އޭނާ ވިދާޅުވީ އުތުރުކޮރެޔާގައި ކަމާބެހޭ އިލްމާއި ތަޖްރިބާއާއި ވަސީލަތްތަކާއި އިންޖިނޭރިންގް މެކޭނިޒަމްތައް ހުރުމެވެ. ނަމަވެސް ސެނެޓަށް މައުލޫމާތު ދެއްވަމުން އޭނާ ވިދާޅުވީ އުތުރުކޮރެޔާގެ ބެލަސްޓިކް މިސައިލް ޕްރޮގްރާމް ކޮންޓްރޯލް ކުރުމަކީ ކުރިން ބައިނަލްއަގްވާމީ މުޖްތަމައަށް ކުރެވޭނެ ކަމެއްކަމަށާ ނަމަވެސް އުތުރުކޮރެޔާގެ ޓެކްނޮލޮޖީ މިހާރު ގައި ގޮސްފައިވާ ހިސާބުން އެކަންކުރަން ފަސޭހަނުވާނެ ކަމުގަ އެވެ.

އުތުރުކޮރެޔާ ދާދިފަހުން ބެލަސްޓިކް މިސައިލްގެ ހަތަރު މިސައިލް ތަޖްރިބާކޮށްފައިވާ އިރު އޭގެތެރެއިން ދެ ތަޖްރިބާ ކާމިޔާބުކަމަށް ޖާސޫސީ ރިޕޯޓްތައް ބުނެ އެވެ. އުތުރުކޮރެޔާގެ މިސައިލް ޕްރޮގްރާމާ ނުކުޅެވޭނެ ސަބަބަކީ އެގައުމުގައި ނިއުކްލިޔާ ހަތިޔާރު ހުރެފައި އަމިއްލަ ގައުމުގެ ދިފާއުގައި ނިއުކްލިޔާ ހަތިޔާރު ބޭނުންކުރަން ވެސް ފަސްނުޖެހޭ ފަދަ ހަރުކަށި ލީޑަރޝިޕެއް އުތުރުކޮރެޔާގައި އޮތުމެވެ.

މީގެއިތުރުން އުތުރުކޮރެޔާގެ ހަތިޔާރާބެހޭ ޕްރޮގްރާމާ ބެހޭ މާގިނަ މައުލޫމާތެއް އެމެރިކާއަށް ލިބިފައިނެތުމަކީ ވެސް އުތުރުކޮރެޔާއާމެދު އެމެރިކާ ކަންބޮޑުވާކަމެކެވެ.

ނަވާރަސަތޭކަ ފަންސާ އިން 1953 އަށް ހިނގި ދެކޮރެޔާގެ ހަނގުރާމައިގާ ވެސް އެމެރިކާއަށް އުތުރުކޮރެޔާ ބަލިކުރެވިފައެއް ނުވެ އެވެ. އޭރުގެ އުތުރުކޮރެޔާއަށް ވުރެ މިހާރުގެ އުތުރުކޮރެޔާ އެއްހާސް ގުނައަށް ބާރުގަދަ އެވެ. ސަބަބަކީ އޭރު އުތުރުކޮރެޔާގައި ނިއުކްލިޔާ ބޮމާއި ހައިޑްރިޖަން ބޮން ނެތިފައި އެމެރިކާގައި އޭރު ވެސް އެހުރިހާ ވަސީލަތްތަކެއް ހުރުމެވެ.

އުތުރުކޮރެޔާ މިދިޔަ އަހަރުވަނީ ހައިޑްރިޖަންބޮން ވެސް އުފައްދައި ބިމުއަޑީގައި ތަޖްރިބާކޮށްފަ އެވެ. ހައިޑްރިޖަންބޮމް އަކީ އެއްހާސް ނިއުކްލިޔާ ބޮމަށް ވުރެ ބާރުގަދަ ބޮމެކެވެ. (ނޫސްއެޖެންސީތައް)

ކޮމެންޓު ލިޔުއްވާ

ބޭނުން ވާ މައުލޫމާތު *