ފުރަތަމަ ސަފުހާ / ކުޅިވަރު / ނަމޫނާ ލިޔުން – “ބައްޕަ”ގެ ހުވަފެނުގައި ކުޅުންތެރިން ކުލަ ޖައްސައިދީފި

ނަމޫނާ ލިޔުން – “ބައްޕަ”ގެ ހުވަފެނުގައި ކުޅުންތެރިން ކުލަ ޖައްސައިދީފި

ރާއްޖޭގެ ބާސްކެޓްބޯޅަ ޓީމު 1996 ވަނަ އަހަރު ސްރީ ލަންކާ އަށް ކުރި ޓުއާއެއްގައި، ޓީމުގެ މެނޭޖަރު އަހުމަދު އިސްމާއިލް ގާތު ލަންކާ ކޯޗެއް ކަމަށްވާ ސުޕުން ވިމާލް ބުންޏެވެ؛

“ތި ޓީމުގައި ހުނަރުވެރި ކުޅުންތެރިން އެބަތިބި. ތަމްރީންކޮށްފި ނަމަ ރަނގަޅު ހިސާބަކަށް ދެވިދާނެ. އަހަރެން މިހިރީ ތިކަން ކޮށްދޭން ތައްޔާރަށް،”

އޭގެ ތިން އަހަރު ފަހުން އެސޯސިއޭޝަނުގެ ނައިބް ރައީސްގެ މަގާމާ އަހުމަދު ހަވާލުވެވަޑައިގެންނެވިތަނާ ބޭރުން ކޯޗެއް ގެނައުމުގެ ފުރުސަތު ކުޅިވަރާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޒާހިރު ހުސެއިން ދެއްވި އެވެ. އެ ފުރުސަތުގެ ބޭނުން ހިފައި އަހުމަދު މެން ސުޕުން ރާއްޖެ ގެނަ އެވެ. އޭނާ ފުރަތަމަ ވެސް ބުނީ ލަންކާގެ މައްޗަށް ރާއްޖެ އަށް ކުރި ހޯދައިދޭނެ ކަމަށެވެ. ސުޕުން ކޯޗަކަށް ހުރެގެން ލަންކާއާ ދެކޮޅަށް ރާއްޖެ ނުކުތް ފުރަތަމަ ފަހަރު، ސާބާ ޗެމްޕިއަންޝިޕުގައި ރޭ ރާއްޖޭން އެވަނީ ލަންކާ ބަލިކޮށްފަ އެވެ. މުބާރާތުގެ ކުރިން ވެސް “މިހާރަ”ށް ވާހަކަދައްކަމުން ސުޕުން ބުނީ ލަންކާ ބަލިކުރުމުގެ ހުވަފެން ދެކޭތާ 18 އަހަރުވެއްޖެ ކަމަށެވެ.

“އެ ދުވަހު ނޫހުގައި އެ ވާހަކަ ޖެހީމާ ވެސް މީހުން އަހަންނާ ދިމާލަށް ހޭން ފެށީ. ބުނީ ކިހިނެއްހޭ ލަންކާ ބަލިކުރެވޭނީ. އަހަރެން ޖަވާބު ދިނިން އަހަންނަށް އެނގެޔޭ އެކަން ކުރާނެ ގޮތް،” ރޭ 69-63 ޕޮއިންޓުން އުފަން ގައުމު ބަލިކުރުމަށް ފަހު ސުޕުން ބުންޏެވެ.

އޭނާ ބުނީ މިހާރު ދެން ހިތްހަމަޖެހިލައިގެން ގައުމީ ޓީމުން ރިޓަޔާކުރެވޭނެ ކަމަށާއި އެކަން އެގޮތަށް ކުރަން ނިންމާފައިވާ ކަމަށެވެ. އެކަމަކު ރާއްޖޭގެ ކްލަބްތަކަށް އެހީވުމުގައި ދެމި ހުންނާނެ ކަމަށް ސުޕުން ބުންޏެވެ.

“އަހަރެން ގައުމީ ޓީމުން ދެން ނުފެންނާނެ،” ގައުމީ ޓީމަށް އިސްލާމިކް ސޮލިޑާރިޓީ ގޭމްސް އާއި ސާބާ ޗެމްޕިއަންޝިޕްތަކުގައި ކޯޗުކޮށްދީފައިވާ ސުޕުން ބުންޏެވެ.

މިދިޔަ 17 އަހަރު އެކި ފަހަރު މަތިން ސުޕުން ހިދުމަތްކޮށްދިނީ ހަމައެކަނި ގައުމީ ޓީމަކަށް ނޫނެވެ. ބާސްކެޓްބޯޅަ އެސޯސިއޭޝަނުގެ ޓެކްނިކަލް ޑިރެކްޓަރަށް މަސައްކަތްކުރި އެވެ. ރެފްރީކަން ކުރި އެވެ. ރެފްރީންނާއި ކޯޗުން އުފެއްދި އެވެ. ޔޫތު ޑިވެލޮޕްމަންޓުގައި މަސައްކަތްކޮށް ކުޅުންތެރިންގެ ހުނަރު ތަރައްގީ ކުރި އެވެ. ރޭގެ މޮޅާ އެކު އޭނާގެ އުފާވެރިކަން ދެގުނަވާ އަނެއް ސަބަބަކީ އެޔެވެ. އޭނާ އުފެއްދި ކުޅުންތެރިންގެ ޓީމަކުން އޭނާގެ ހުވަފެނުގައި ކުލަ ޖައްސައިދިނުމެވެ.

ތަޖުރިބާކާރު ކުޅުންތެރިން ކަމަށްވާ ކެޕްޓަން މުހައްމަދު ޒިލާލާއި އަލީ ފަޒްލީ އާއި އަހުމަދު އަފްސަން ރަޝާދު އަދި ޒަކަރިއްޔާ އަބްދުއްލަތީފް (ޒަކިއްޓެ) އަކީ އެ ކުޅުންތެރިން އެންމެ ކުޑައިރުން ފެށިގެން ސުޕުން ތަމްރީންކުރި ކުޅުންތެރިންނެވެ. ޓީމުގެ އެންމެ ޒުވާން ކުޅުންތެރިން ކަމަށްވާ އިބްރާހިމް ރަޝްވާން (ޗިކު) އާއި އަބްދުﷲ އަމްޒަރާއި ހުސެއިން ހަލީމް (ޗިކަނޭ) އަދި އިސްމާއިލް ވިލްދާން ފަދަ ކުޅުންތެރިންނަކީ އޭނާ ތަމްރީންކުރި އެންމެ ފަހުގެ ބެޗެވެ.

މީގެ ތެރެއިން ޗިކާއި ވިލްދާނަކީ، ސުޕުންގެ ކޯޗުކަމުގެ ދަށުން 2012 ވަނަ އަހަރު ލަންކާގެ އިންޓަނޭޝަނަލް ސްކޫލް މުބާރާތެއްގެ ތަށި ރާއްޖޭގެ ޖޫނިއާ ޓީމު ހޯދިއިރު މުހިއްމު ދައުރެއް އަދާކުރި ދެ ކުޅުންތެރިންނެވެ.

“އަހަރެން ރޭ ބުނިން އަހަންނަށް ތި ކުދިންނަށް ހިދުމަތްކޮށްދެވިއްޖެޔޭ. އަހަންނަށް މިއަދު ކަމެއް ކޮށްދެންޏާ ލަންކާ ބަލިކޮށްދޭށޭ. އެ ކުޅުންތެރިން މި މެޗުގައި އެ ހިތްވަރުލައިފި. އަހަރެން ކޮށްދިން މަސައްކަތުގެ ބަދަލު ލިބިއްޖެ ކަމަށް ގަބޫލުކުރަނީ،” ސުޕުން ބުންޏެވެ.

ކޮމެންޓު ލިޔުއްވާ

ބޭނުން ވާ މައުލޫމާތު *