ފުރަތަމަ ސަފުހާ / ކުޅިވަރު / ނަމޫނާ ލިޔުން – ނިއު އަތުން ލިބޭ ޕޮއިންޓަކީ ބޯނަހެއް: ސޮބާ

ނަމޫނާ ލިޔުން – ނިއު އަތުން ލިބޭ ޕޮއިންޓަކީ ބޯނަހެއް: ސޮބާ

މި ވަގުތު އެސްޓީއޯ މާލޭ ލީގުގެ މަގާމުތައް އޮތްގޮތުން ނިއު ރޭޑިއަންޓް އަތުން ޕޮއިންޓެއް ލިބިއްޖެނަމަ އެއީ ލިބޭ ބޯނަހެއް ކަމަށް އެ ޓީމާ ދެކޮޅަށް މިރޭގެ މެޗުގައި ނުކުންނަ ގްރީން ސްޓްރީޓްސްގެ ކޯޗު ސޮބާހު މުހައްމަދު (ސޮބާ) ބުނެފި އެވެ.

ލީގުގެ އެއް ވަނައިގައި މި ވަގުތު މާޒިޔާ އޮތީ އަށް މެޗުން 21 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި ނިއު އޮތީ އަށް މެޗުން 18 ޕޮއިންޓް ހޯދައިގެންނެވެ. ތިން ވަނައިގައި އިއްޔެ ވެލެންސިއާ އަތުން ހޯދި މޮޅާ އެކު އޮތީ ޓީސީ އެވެ. ޓީސީ އާއި ހަތަރު ވަނައިގައި އޮތް ގްރީން ސްޓްރީޓްސް އަށް 14 ޕޮއިންޓް ލިބިފައިވާއިރު، މިރޭ ނިއު އަތުން ބަލިނުވެ ފަރުޖައްސާލައިފިނަމަ ގްރީން ސްޓްރީޓްސް އަށް ތިން ވަނަ ލިބޭނެ އެވެ.

މެޗުގެ ކުރިން ސޮބާ ބުނީ ނިއު އަތުން ޕޮއިންޓެއް ލިބިއްޖެނަމަ އެއީ މަގާމު ދަމަހައްޓައި ކުރިއަށްދާން ލިބޭ ހިތްވަރެއް ކަމަށެވެ.

“ބޭނުންވަނީ ގަދަ ހަތަރަަކަށް ވާދަކުރަން ގާތުގައި މިއޮތް ޓީމުތައް އަތުން ޕޮއިންޓެއް ނުގެއްލި ކުރިއަށްދާން. ނިއު އާއި މާޒިޔާ ގާތްގަނޑަކަށް 90 ޕަސެންޓް އެއޮތީ ގަދަ ހަތަރެއްގައި. ހަގީގަތުގައި ނިއު އަތުން ޕޮއިންޓެއް ލިބިއްޖިއްޔާ މިއީ ބޯނަހެއް. އަޅުގަނޑުމެން މަސައްކަތް ކުރާނީ މޮޅުވާން. ގޭމަކީ 50-50 އެއްޗެއް،” ސޮބާ ބުންޏެވެ.

ފުރަތަމަ ބުރުގައި ނިއު އަތުން ގްރީން ސްޓްރީޓްސް ބަލިވީ 2-1 އިންނެވެ. ސޮބާ ބުނީ އެ މެޗާ މިރޭ ކުޅޭ މެޗު މުޅިން ތަފާތު ކަމަށެވެ.

“ދެ ވަނަ ބުރު އުނދަގޫވާނެޔޭ ބުނިން. މާޒިޔާ އާއި ނިއު އަކީ ތަށްޓަށް ވާދަކުރާނެ ދެ ޓީމު. އެންމެ ފަހުން މެޗާ މި މެޗު ތަފާތު ވާނެ. އެންމެ ފަހުން މެޗުގައި ހެދުނު ގޯސްތައް މި މެޗުގައި ރަނގަޅުކުރަން ބޭނުން. އެކަން ކާމިޔާބު ކުރެވިއްޖެނަމަ ނިއު އަތުން މޮޅުވުމުގެ ފުރުސަތު އެބައޮތް،” ސޮބާ ބުންޏެވެ. “މަދުވެގެން ޕޮއިންޓެއް މި މެޗުން ބޭނުން. ބޭނުންވަނީ މެޗު ފަސޭހަ ނުކޮށްލައި ފަރުވާ ބަހައްޓައިގެން ކުޅެން.”

ގްރީން ސްޓްރީޓްސްގައި ތިބި ގިނަ ކުޅުންތެރިންނަކީ ކުރިން ފުރަތަމަ ޑިވިޝަނުގައި ކުޅެފައިތިބި ކުޅުންތެރިންނެވެ. އެ ޓީމުގައި ގައުމީ ޓީމަށް ކުޅޭ ކުޅުންތެރިން ނެތް ނަމަވެސް ލީގުގައި ނަތީޖާ ނެރުމުގައި އެ ޓީމުން އަންނަނީ ކުރިހޯދަމުންނެވެ. ސޮބާ ބުނީ އެ ޓީމުގައި ނަން މަޝްހޫރު ކުޅުންތެރިން ނެތް ނަމަވެސް މިހާތަަނަށް ފެނުނު ތަފާތަކީ ޓީމެއްގެ ގޮތުގައި ކުރާ ހިތްވަރު ކަމަށެވެ.

“ނަމަކުން ވާ ކަމެއް ނެތް. މެޖޯރިޓީ މީހުން ގަބޫލެއް ނުކުރޭ ކުރިން ދުވަހު ވިކްޓަރީ އަތުން މާޒިޔާ ބަލިވާނެ ކަމަށް. އެކަމަކު އެކަން ވެސް އެވީ. އަޅުގަނޑު ގަބޫލުކުރަނީ ޓީމެއްގެ ގޮތުގައި މަސައްކަތް ކޮށްގެން ކާމިޔާބު ކުރެވޭނެޔޭ. ކުޅުންތެރިންނަށް ވެސް މިދެނީ އެ ހިތްވަރު. އެ ގޮތަށް މަސައްކަތް ކޮށްފިނަމަ ޓާގެޓް ހާސިލްކުރެވޭނެ،” ސޮބާ ބުންޏެވެ.

ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ކުޅޭ ކޮންމެ ޓީމަކުން މިހާރު އެންމެ ޖެހިލުންވާ އެއް ކުޅުންތެރިއަކީ އެ ޓީމަށް ކުޅޭ ޔޫކްރޭންގެ މިޑްފީލްޑަރު ސޮބޮލް އިލިއާ އެވެ. އޭނާ ވަނީ މިހާތަަނަށް ހަ ލަނޑު ޖަހައިފަ އެވެ. ގްރީން ސްޓްރީޓްސް މިހާތަަނަށް ލީގުގައި ދެ މެޗުން ބަލިވެފައިވާއިރު، އެ ދެ މެޗުގައި ވެސް ކާޑު ހަމަވުމުގެ ސަބަބުން އިލިއާ ނުކުޅެ އެވެ.

“އިލިއާ ގެނައީ އަޅުގަނޑަށް ރަނގަޅު ލޯކަލް މިޑްފީލްޑަރެއް ނުލިބިގެން. ވަރަށް މަސައްކަތްކުރިން މެސީ (އީސަ) ގެންނަން. އެކަމަކު އޭނަ ނުލިބުނު. ޕްލޭ މޭކަރެއް ގެންނަން ވެގެން. ވީޑީއޯ ބަލައިގެން އިލިއާ ގެނައީ. އަނިޔާގައި ހުރެގެން މި ވަގުތު އެ ކުޅެނީ. ފިޓްނަސް ދަށްކޮށް އުޅެނީ އެކަމަކު މި މެޗުގައި ވެސް ފެންނާނެ،” ސޮބާ ބުންޏެވެ.

މިރޭގެ މެޗުގެ ކުރިން ނިއުގެ ކޯޗު ބެނާޑޯ ޓަވަރޭސް ބުނީ ސަސްޕެންޝަނުގައި ތިބި ކުޅުންތެރިންނުލައި ވެލެންސިއާ އަތުން މޮޅެއް ލިބުނު ނަމަވެސް މި މެޗު މުޅިން ތަފާތު ކަމަށެވެ.

ކޮމެންޓު ލިޔުއްވާ

ބޭނުން ވާ މައުލޫމާތު *